Monday, June 11, 2007

ގައުމީ ޓީވީ- ގައުމީ ވާޖިބު އަދާ ކުރެވެނީ ކިހާވަރަކަށް؟


ޓެލެވިޜަން މޯލްޑިވްސްއިން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ޙިދުމަތް ދެމުންގެންދާތާ 29 އަހަރުފާއިތުވެގެން މިދަނީއެވެ. ޚަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުމާއި ކުޅިވަރާއި ތަފާތު ޕްރޮގްރާމްތައް އަޅުގަނޑުމެން ގެ ތެރެއިން ގިނަ ދިވެހިރައްޔިތުންނަށް ދިވެހި ފަސްގަނޑުގައި ހުރެގެން ބަލާލުމުގެ ނަސީބު ފުރަތަމަ ލިބިގެންދިޔައީ ގައުމީ ޓީވީގެ ސަބަބުންނެވެ. މާ ބޮޑު ތަމްރީނަކާއި، ތަޢުލީމެއް ނުލިބި، ހުނަރުވެރި، ފަންނުވެރި ޒުވާނުން އެކުރާ މަސައްކަތައް ތަޢުރީފާއި، "ސާބަސް" ފިޔަވައި ހައްގު ނޫން އެހެން ބަސްތަކެއް ނެތެވެ. ޒަމާނާއި ޚާލަތާއި ބަދަލުވެގެން އަންނަމުންދާއިރު ޓީވީއެމް-ޓެލެވިޜަން މޯލްޑިވްސް ނުވަތަ ގައުމީ ޓީވީ އޮތީއެވަރަށް ތައްޔާރު ވެފަބާއެވެ. ނުވަތަ ގައުމީ ޓިވީން ގައުމީ ވާޖިބު އަދާކުރެވޭބާއެވެ.

ޓީވީއަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތަކަށް ހަދައިގެން މިހާރު ވާކަށްނެތެވެ. ނުވަތަ ރޭގަނޑު 11 އިން 12 އަށް ދައްކާ ޑްރާމާތައް ބަލާލުމަށް ހުންނަ ވަސީލަތެއް ކަމުގައި ހެދޭކަށް ނެތެވެ. ޙާއްސަގޮތެއްގައި، ހަމައެކަނި ހުރި ދިވެހި ޓީވީ ޗެނަލަށްވާއިރުއެވެ. ޚަބަރާއި މާޢުލޫމާތުގެ ދާއިރާއަކީ ޓީވީން މިހާރު އެންމެ އިސްކަމެއް ދީގަން ޓީވީގެ ޕްރޮގްރާމްގެ ޝެޑިއުލްގެ ތެރޭގައި ތަރައްގީކުރަންވީ އެންމެ މުހިއްމު ބައެވެ. ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި މައުލޫމާތުގެ ފޮރުވުމެއްނެތި، ފުށުނާރާ، ހަމަހަގޮތެއްގައި ގެނެސްދނިނުމަކީ މިހާރު ޓީވީމޯލްޑިވްސްއާއިމެދު އެންމެ ބޮޑަށް އިނގިލި ދިއްކުރެވޭ މައްސަލައަށްވެފައިވީއިރު މިކަމާއިދޭތެރޭ މިހާރުވެސް އަވަސް ހައްލެއް ގެނައުމަކީ ކޮންމެހެންވެސް ކުރަން ލަސްވެއްޖެ ކަމެކެވެ. ޚާއްސަ ގޮތެއްގައި ޓީވީއެމްގެ ޚަބަރުތަކަކީ ގައުމުގެ ކުރިމަތީގައި އިތުބާރުހިފޭ އެއްޗެކަށް ހަދަންވެއްޖެއެވެ. މި ވޭތުވެދިޔަ އަހަރެއް، ދޮޅު އަހަރެއްހާ ތެރޭގައި މުޅި ގައުމު ގުގުމާލި، ބޮޑެތި ހާދިސާތަކާއި، ޚަބަރުތައް ޓީވީން ކަނޑައެޅިގެން އޮޅުވާލާފައިވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އޭގެ ތެރޭގައި ނޮވެންބަރު 10 ގައި އެމް.ޑީ.ޕީން ބާއްވަން އުޅުނު މުޒާހަރާ، ސިޔާސީ ޕާޓީތަކުގެ އެއްވުންތައް، މަޖިލިސްކުރާ ގޭތެރޭގައާއި، ބޭރުގައި ހިނގާފައިކުރި ބައެއް ހާދިސާތައް، ރަށްރަށުގައި ރަށުއޮފީސްތައް ހިސާރުކުރުމާއި ހިނގާފައިވާ ހަމަނުޖެހުންތަކާއި ޚާއްސަ ގޮތެއްގައި ރައީސް އައްޑޫގެ ދަތުރުފުޅާއި، ބޭރުގެ ބައިނަލް އަޤުވާމީ ތަފާތު ޖަމިއްޔާ، ޖަމާތްތަކުން ރާއްޖޭގެ ސިޔާސީ މަޞްރަހާއިބެހޭގޮތުން ދެއްކި ވާހަކަތައް އަދި މިފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު، ދުވަސްތަކެއް ފަހުން މާލޭ ދެކުނުފަރާތު ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު ހުސެން ސޮލާހުގެ މައްސަލައާއި މިދިޔަ ހަފްތާގައި މާފުށި ޖަލުގައި ފަޅާލާ މީހަކު މަރުވެ، ކުށްވެރިން ފިލި ހާދިސާގެ ޚަބަރު ގެނެސްދީފައިވާ ގޮތާއިމެދުވެސް ތަފާތު ގޮތްގޮތަށް ޓީވީއެމް އަށް އިނގިލިދިއްކޮށްފައިވެއެވެ. ގައުމީ ޓީވީން ގައުމީ ވަޖިބްއަދާކުރާ ގޮތާއިމެދު ތަފާތު ހިޔާލުތައް މީހުން ފާޅުކޮށް، ވާހަކަދައްކަމުންދެއެވެ. މިކަމަށް ފުން ނަޒަރަކުން ވިސްނައިގެން ހަމައެކަނި ވާކަށްނެތެވެ. މި ސުވާލުތަކަށް ފާޅުގައި ކެރިހުރެގެން ޖަވާބުދެވި މީގެ ހަޤީގަތް އެ ސުވާލުތައްކުރާ އަދި ކުރަންބޭނުންވާ ފަރާތްތަކަށްވެސް ދެވެންޖެހޭނެއެވެ. މިފަދަ މައްސަލަތަކުގައި ޓީވީއެމްގެ އިހުމާލެއް އޮތްނަމަ އެކަމަށް ޒިންމާވެސް އުފެލެންޖެހޭނެއެވެ.---

No comments: